ކައުންސިލް ލޮގިން

ދަރަވަންދޫ

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަކީ އާބާދީގައި 1076 މީހުން ދިރިއުޅޭ މިއަތޮޅުގެ އިރުމަތީ ބިތުގައިވާ ރަށެކެވެ. ރަށުގެ ދިގުމިނުގައި 1663.07 މީޓަރު ހުރިއިރު ފުޅާމިނުގައި 545.18 މީޓަރު ހުރެއެވެ. ބޮޑުމިނުގައި 57 ހެކްޓަރު ހުންނައިރު، މިރަށަކީ މިއަތޮޅަށް ބަލާއިރު ބިމުގެ ސައިޒްގެގޮތުން ދެވަނައަށް އެންމެ ބިންބޮޑު ރަށެވެ. މިރަށާއި ވެރިކަން ކުރާރަށް އޭދަފުއްޓާއި ހުރި ދުރުމިނަކީ 6 މޭލެވެ. ވެރިރަށް މާލެއާއި ދެމެދު ހުރި ދުރުމިނަކީ 117.74 ކިލޯމީޓަރެވެ. ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓްގެ ޚިދުމަތް ފެށުމުން މިސަރަޙައްދުގެ ދަތުރުފަތުރުގެ ނާރެހެއްގެ ގޮތުގައި މިރަށް ބެލެވޭއިރު، މިއަތޮޅުގައިވާ ޤާއިމުކުރެވިފައިވާ 8 ރިސޯޓަށް ފަތުރުވެރިން ގެންދިއުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރެވެނީ ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓެވެ. މިރަށަށް ހިމެނޭ ސަރަޙައްދުގައި ހިމެނޭ "ހަނިފަރު ބޭ" އަދި "ދަރަވަންދޫ ތިލަ" ފާހަގަކުރެވެނީ ގުދުރަތީ ގޮތުން ޚާއްޞަ ތަންތަން ގޮތުގައެވެ.

ދަރަވަންދޫ ކައުންސިލްގެ ތަޢާރަފް
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިގޮތުން މިއިދާރާ އުފެދިފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ހަމައެކަނި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގެ ރައްޔިތުންނަށެވެ.
ދަރަވަންދޫ ކައުންސިލުންދޭ ޚިދުމަތްތައް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދިނުމަށްވަނީ ލާޒިމްކޮށްފައިވެއެވެ. މިގޮތުން ދުވަހުން ދުވަހަށް ރަށް ހިންގުމަށް ބޭނުންވާ ޤަވާއިދުތަކާއި އުޞޫލުތައް ކަނޑައަޅައި ރައްޔިތުންގެ ނަމުގައި ނިންމަން ޖެހޭ ނިންމުންތައް ނިންމާ ރަށުގެ އިޖުތިމާޢީ އެކިއެކި ތަންތަނާއި ސަރަހައްދުތައް ބެލެހެއްޓުމާއި އެހެން މުޢައްސަކާތަކަށް އެހީތެރިވުން ހިމެނެއެވެ.

އަދި ރަށް ތަރައްޤީ ކުރުމުގެ ގޮތުން ރަށުފެންވަރުގެ ތަރައްޤީގެ ޕްލޭންއެއް އެކުލަވާލައި އެޕްލޭން ތަންފީޒުކުރުމަށްޓަކައި ކައުންސިލުންނާއި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްޤީގެ މަޝްރޫޢުތައް ހިންގާ އެކަންކަމާއި ގުޅޭގޮތުން ޖަވާބުދާރީވުމަކީ ކައުންސިލްގެ ޒިންމާއެކެވެ.

އަދި ހަމައެއާއިއެކު ރަށުގެ ރަށްޔިތުންނަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނާއި ނަރުދަމާ ހިމެނޭގޮތުން ރަށްވެހިކަމުގެ އެހެނިހެން ތަފާތު 25 ޚިދުމަތެއް ލާމަރުކަޒީ ޤާނޫނުން ކައުންސިލާއި ހަވާލުކޮށްފައިވެއެވެ.

ލޯކަލް ގަވަމެންޓް ގާނޫނާއި ދައުލަތުގެ ފައިސާއާއި މުދާ ބެލެހެއްޓުމުގެ ޤާނޫނާއި އަދިވެސް ދައުލަތުގެ މުދަލާއި ފައިސާއާއި ބެހޭ އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށް ރަށުގެ ފައިސާގެ ކަންކަން ހިންގާ ބެލެހެއްޓުމާއި ފައިސާގެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނަށާއި ސަރުކާރުގެ މުޢައްސަސާތަކަށް ޖަވާބުދާރީވުމަކީ ކައުންސިލާއި ހަވާލުވެފައިވާ މަސްއޫލިއްޔަތެކެވެ.

ކައުންސިލުގެ ތަރައްޤީގެ ޕްލޭނުން ޙާޞިލްވާ މިންވަރު ރައްޔިތުންނަށް ޙިއްޞާ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމާއި ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓާއި ތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ޙިއްޞާކޮށް ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް ކައުންސިލްގެ ޒިންމާއެކެވެ.

ދަރަވަންދޫ ކައުންސިލްއިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާގޮތް

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލް އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު ދެ ޔުނިޓަކަށެވެ. މިއިން ކޮންމެ ޔުނިޓެއްގައިވެސް މައިގަނޑު މަސައްކަތްތައް ކުރަމުންދާނީ ސިވިލްސަރވިސް މުވައްޒަފުންނެވެ. ސިވިލްސަވިސް މުވައްޒަފުންގެ މަސައްކަތްތައް އޮބްޒާވްކޮށް މޮނީޓަރކުރުމަށްޓަކައި ކައުންސިލް މެންބަރުންވެސް ވާނީ އެކިއެކި ޔުނިޓްތަކަށް ބަހާލެވިފައެވެ.

ކޯޕަރޭޓް އެފެއަރޒް ޔުނިޓް

މިޔުނިޓްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރަޖިސްޓްރޭޝަންއާއި ސެންސަސް ބެލެހެއްޓުމާއި އިދާރީ ހުއްދަތަކާއި ލިޔުންތައް ތައްޔާރުކޮށްދިނުމާއި ހިއުމަން ރިސޯސް މަސައްކަތްތަކާއި ފައިސާއާއިބެހޭ މަސައްކަތް ހިމެނެއެވެ.

އިކޮނަމިކް، ސޯޝަލް، މުނިސިޕަލް ސަރވިސް ޔުނިޓް

މިޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި ރަށު ތަރައްޤީގެ ޕްލޭން ތައްޔާރުކުމާއި ޕްލޭން ރިވިއުރުމާއި ޕްލޭނުން ހާޞިލްވަމުންދާ މިންވަރު ބަލާ ހިއްޞާކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށް ތަރައްޤީ ކުރެވިދާނެ އައު ވިސްނުންތައް ނެރުމާއި ކައުންސިލްގެ މާލިއްޔަތު އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް އެކަންކަމާއި ގުޅޭގޮތުން ކައުންސިލަށް ލަފާދިނުމާއި އެފަދަ ޕްރޮޖެކްޓްތައް ރާވާ ހިންގުން ހިމެނެއެވެ. އަދި އިޖްތިމާޢީ ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމާއި އެފަދަ ޕްރޮގްރާމްތަކަށް އެހީތެރިވުން ހިމެނެއެވެ. މުނިސިޕަލް ސަރވިސްގެ މަސައްކަތްތަކުގެ ތެރޭގައި ރަށުގައި ދެވޭ އަސާސީ ޚިދުމަތްތަކާއި މުނިސިޕަލް ޚިދުމަތްތައް ހިންގާ ބެލެހެއްޓުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެސެޓްސްތައް މަރާމާތުކޮށް ބެލެހެއްޓުމާއި ބިމާއި ގުޅޭގޮތުން ހުށަހެޅޭ މަސައްލަތައް ދިރާސާކޮށް ކައުންސިލަށް ހުށަހެޅުން ހިމެނެއެވެ.

ތަޢުލީމު

ބ. އަތޮޅު ޕްރައިމަރީ ސްކޫލްގެ ނަމުގައި ސްކޫލް ހުޅުވުނީ 1979 މާރިޗު 11 ވަނަ ދުވަހުއެވެ. ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ. ފަހުން ދަރަވަންދޫ ޕްރައިމަރީ ސްކޫލްގެ ނަމަށް ބަދަލުކުރެވިފައިވެއެވެ.

ޖަޕާނު ސަރުކާރު ހިލޭ އެހީގެ ދަށުން ސްކޫލެއް ބިނާކޮށްދެއްވައި ބ. އަތޮޅު މަދަރުސާގެ ނަމުގައި ހުޅުވުނީ 1986 ޖަނަވަރީ 21 ވަނަ ދުވަހުއެވެ. ހުޅުއްވާދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލް މުޙައްމަދު ޒާހިރު ޙުސައިންއެވެ.

1989 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހެޑްމާސްޓަރަކާއި ބިދޭސީ ޓީޗަރަކު ސްކޫލުގައި ޚިދުމަތްކުރަން ފެއްޓެވިއެވެ. 2000 ވަނަ އަހަރުން ފެށިގެން ޘާނަވީ އިމްތިޙާނުތައް ހަދަން ފެށިފައިވެއެވެ.

ގްރޭޑް 1 ން 10 ހަމައަށް ކިޔަވާ ދެމުން ދާއިރު މިހާރު ސްކޫލްގެ އާބާދީއަކީ 129 ދަރިވަރުންނެވެ. އެއީ 62 އަންހެން ކުދިންނާއި 67 ފިރިހެން ކުދިންނެވެ. ދިވެހި 14 ޓީޗަރުން ޚިދުމަތުގައި ތިއްބެވިއިރު ބިދޭސީ މުދައްރިސުންގެ އަދަދީ 6 އެވެ. ބ. އަތޮޅު މަދަރުސާއަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެކެވެ.

ސްކޫލްތަކުގެ ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގައި ސްކޫލްގެ ދަރިވަރުން ބައިވެރި ގިނަ ކާމިޔާބުތަކެއް ހޯދާފައިވެއެވެ. އެގޮތުން ލަވަ މުބާރާތް، ވާހަކަ ދެއްކުމުގެ މުބާރާތް، ޅެން ހެދުމުގެ މުބާރާތް ފަދަ މުބާރާތްތަކުން ސްކޫލްގެ ދަރިވަރުން ފަޚުރުވެރި ވަނަތައް ހާޞިލުކޮށްފައިވެއެވެ.

ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުންވެސް ސްކޫލްގެ ދަރިވަރުން އަންނަނީ ރަންވަނަ ތަކެއް ހޯދަމުންނެވެ.

ސްކޫލްގެ ޢުމުރާނީ ތަރައްޤީއަށް ފާއިތުވީ އަހަރުތަކުގައި ބޮޑެތި ކުރިއެރުންތައް ހޯދިފައިވެއެވެ. އެގޮތުން ސަރުކާރުގެ ފަރާތުން 4 ކްލާސްރޫމުގެ ދެބުރި ޢިމާރާތެއް ކޮށްދެއްވާފައިވެއެވެ. ބެލެނިވެރިންގެ އެހީތެރިކަމާއެކު ކޮމްޕިއުޓަރ ލެބެއް ޤާއިމުކުރެވިފައިވެއެވެ. އެހެޔޮ އެދޭ ފަރާތްތަކެއްގެ އެހީގައި އިތުރު ކްލާސް ރޫމާއި ސައިންސް ލެބް އަދި ލައިބްރަރީ ހިމެނޭ ގޮތަށް ދެ ބުރީގެ ޢިމާރާތްކުރެވިފައިވެއެވެ.

ޅަފަތުގެ ތަޢުލީމަށް ބަލާއިރު ދަރަވަންދޫ ޕްރީސްކޫލް ގައި 68 ދަރިވަރުން ކިޔަވަމުން އާދެއެވެ. ޕްރީސްކޫލް ހިންގަނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުންނެވެ.

ޞިއްޙަތު

ދަރަވަންދޫ ހެލްތް ޕޯސްޓް ހުޅުވުނީ 2004 މާރިޗު 20 ގައެވެ. ހުޅުއްވާދެއްވީ މިނިސްޓަރ އޮފް އިންފޮރމޭޝަން އަލްފާޟިލް އަޙްމަދު ޢަބްދުﷲއެވެ. ފުރަތަމަ ޚިދުމަތް ދެވިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 7:30 ން މެންދުރު ފަހު 2:30 ހަށެވެ. އަދި ރޭގަނޑު 8:30 ން 10:30 އަށް ޖުމުލަ 9 ގަޑިއިރެވެ. ހެލްތު ޕޯސްޓް ޞިއްޙީ މަރުކަޒަކަށް ބަދަލުކުރެވި ޚިދުމަތްތައް އިތުރުއަށް ފުޅާކުރެވިފައިވެއެވެ. ޞިއްޙީ މަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ބަލި މީހުން ބެލުން، ބޭސްއެޅުން، އިންޖިކްޝަން ޖެހުން، މާބަނޑު މީހުންގެ ކްލިނިކް، ކުޑަކުދިން ކިރުމުގެ ޕްރޮގްރާމް، ހޯމްވިޒިޓް، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް، ވެކްސިން ޕްރޮގްރާމް، އެން ސީ ޑީ ކްލިނިކް، ހޮޓާ ކެފޭ، ފިނިކުރި ތަކެތި ހަދާ ތަންތަން، ވިޔަފާރި ކުރާ ތަންތަން ޗެކުކުރުން، ސާފުތާހިރުކަން ޗެކްކުރުން، ސަލާމުގެ ސެޓްފިކެޓް އަދި މެޑިކަލް ރިޕޯޓް ދޫކުރުން ހިމެނެއެވެ. ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީގެ ޚިދުމަތާއި، އީސީޖީ އަދި އެމްބިއުލާންސްގެ ޚިދުމަތް މިހާރު ހިމެނެއެވެ.

2013 ޖުލައި 16 ވަނަ ދުވަހުން ފެށިގެން ޞިއްޙީ މަރުކަޒުގެ ޚިދުމަތް 15 ގަޑިއިރަށް ވަނީ ބަދަލުކުރެވިފައެވެ. މިވަގުތު ޞިއްޙީ މަރުކަޒުގައި ޚިދުމަތް ކުރަމުން ގެންދަނީ 21 މުވައްޒަފުންނެވެ.

މަސައްކަތްތެރިކަން

ދަރަވަންދޫއަކީ މަސައްކަތްތެރި ރައްޔިތެއް އުޅޭ ރަށެކެވެ. އެގޮތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން، ގަނޑުވެރިކަން، ގެސްޓް ޝޮޕް ހިންގުން، ގެސްޓް ހައުސް ވިޔަފާރި، ރިސޯޓްތަކުގެ ވަޒީފާ، ވަޑާންކުރުން، ރޭނުމުގެ މަސައްކަތް، ފަންގިވިނުން ފަދަ މަސައްކަތް ހިމެނެއެވެ. ވަޒީފާގެ ފުރުސަތު ފަހިވެފައިވާތީވެ، ގިނަ އަދަދެއްގެ މީހުން ރަށުގައި ވަޒީފާތަކުގައި ޙަރަކާތްތެރިވަމުން ދެއެވެ.

ކުޅިވަރުތައް

ޒުވާނުން ކުޅެ އުޅޭ ކުޅިވަރުތަކުގެ ތެރޭގައި ފުޓްބޯޅަ، ވޮލީ، ބަށި، ނެޓް ބޯޅަ، ބެޑްމިންޓަން ފަދަ ކުޅިވަރުތައް ހިމެނެއެވެ. އަތޮޅު ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގައި ވާދަކުރަމުން ދެއެވެ.

ދަރަވަންދޫގެ ތާރީޚް

ތާރީޚީ ގޮތުން އެނގެންފެށީސުރެ މިއަތޮޅުގެ ވެރިކަން 4 ޖޫން 1962 ގައި އޭދަފުއްޓަށް ބަދަލުކުރުމާއި ހަމައަށް އަތޮޅުވެރިކަން ކޮށްފައިވަނީ ދަރަވަންދޫގައެވެ. ސަރުކާރުން މި އަތޮޅު ގައި އެންމެ ފުރަތަމަ މަދަރަސާއެއް ހުޅުވާދެއްވި ދަރަވަންދޫގައެވެ. އެއީ ސުމުއްވުލްއަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް އެޗް.އެމް.އެސް " މާޅޮއީ"ގައި ކުރެއްވި ދަތުރުފުޅެއްގައި ދަރަވަންދޫއަށް ވަޑައިގެން ހިޖުރައިން 1363 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 5 ވަނަ ދުވަހުއެވެ.

ކިޔާފައިވަނީ: 7780 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : ހޯމަ, 02 މާޗް 2015 08:52

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit