އޭދަފުށްޓަކީ މާލެއާއި ގާތްގަޑަކަށް 64 މޭލު ދުރުގައި އޮންނަ ރަށެކެވެ. އެއީ ކަނޑު ބޯޓުގައި ނަމަ ގާތްގަނޑަކަށް ހަގަޑިއިރުގެ ދުރުމިނެކެވެ. އަދި ސްޕީޑް ލޯންޗެއްގައި ނަމަ ދެ ގަޑިއިރުގެ ދުރުމިނެކެވެ. ގާތްގަޑަކަށް ބ. އަތޮޅުގެ މެދުގައި އޮންނަ މި ރަށުގެ އާބާދީއަކީ 3200 މީހުންނެވެ. މި އަހަރުތެރޭގައި އަލަށް ހިއްކި ސަރަހައްދާއިއެކު ރަށުގެ ބޮޑުމިނުގައި 55 ހެކްޓަރ ހުންނަ މި ރަށުގައި ގާތްގަޑަކަށް 2300 މީހުން ދިރިއުޅެމުންދެއެވެ.އޭދަފުށްޓަކީ ހުރިހާ ރޮނގަކުން ބެލިކަމުގައިވިޔަސް އަތޮޅުހެ ރަށްތަކުގެ ތެރެއިން އެންމެ ތަރައްގީވެފައި އޮތްރަށެވެ. 1995 ވަނަ އަހަރުންފެށިގެން 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް މިރަށުން ލިބެއެވެ. ނަރުދަމާ ނިޒާމް ވަނީ ގާއިމް ކުރެވިފައެވެ. ލަފާފުރުން ފަސޭހަކުރުމަށްޓަކައި 900 ފޫޓު ދިގުމިނުގެ ބަނދަރެށް މިރަށުގައިވަނީ ހެދިފައެވެ. ގޭގެއަށް ޓެލެފޯނުގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް ލިބެއެވެ. ދިރާގާއި އޫރިދޫގެ މުހިންމު ހުރިހާ ޚިދުމަތްތަކެށް މިރަށުން ލިބެންހުރެއެވެ. އޭދަފުށްޓަކީ ތައުލީމީ ގޮތުންބެލިކަމުގައިވިޔަސް ވަރަށްބޮޑަށް ކުރިއަރާފައިވާ ރަށެކެވެ. ރަށުގައި އޭލެވެލްއާ ހަމަޔަށް ހިލޭ ތައުލީމް ހާސިލް ކުރެވެއެވެ. މާސްޓާސް ފެންވަރަށް ކޯސްތައް ކުރިއަށްގެންދާ ވިލާކޮލެޖުގެ ކެމްޕަހެން މިރަށުގައި ހުރެއެވެ. ސިއްޙީޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 24 ގަޑިއިރުގެ ޚިދުމަތްލިބެންހުންނަ އަތޮޅުހޮސްޕިޓަލެއް މިރަށުގައިވަނީ ވަރަށް ކުރީއްސުރެން ގާއިމް ކުރެވިފައެވެ. އުމްރާނީ ތަރއްޤީއަށް ބަލާއިރުވެސް އޭދަފުށްޓަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދިފައި ނެތްކަމުގައިވިޔަސް ރަށުގެ ގިނަމަގުތަކަކީ ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ފަސޭހަކަމާއިއެކު ދަތުރުކޮށް އުޅެވޭނެ ޖާގަަ އޮތް މަގުތަކެކެވެ. ރަށުގެ ގިނަގޭގެއަކީ ރަނގަޅުފެންވަރަކަށް ހަދާފައިހުރި ގޭގެއެވެ. ވަރަށްމަދު ގެއެއްމަނުވީ ހުންނާނީ ވަށާ ފާރުރާނާ ސިމެންތިޖަހާ ކުލަލާފައެވެ. މިރަށު ގިނަގޭގޭގައި ރަގަޅު ފެންވަރަކަށް ހަދާފައި ހުންނަ ކުއްޔައްދޭ ކޮޓަރި ފުދޭވަރަކަށް ގިނައިން ހުރެއެވެ. މީގެ އިތުރުން މިރަށުގައި ކެފޭ ރެސްޓޯރަންޓް ގެ ގޮތުގައި ހިންގަމުން އަންނަ 10 ތަން ހުރެއެވެ. މި ހުރިހާ ތަންތަނަކީ ވެސް އާއްމުކޮށް ޚިދުމަތްދޭ ހުރިހާ ގަޑިއެއްގައިވެސް ހުޅުވާފައި ހުންނަ ތަންތަން ކަމަށް ވުމާއި އާންމުކޮށް ކެފޭ ރެސްޓޯރަންޓް ތަކުން ލިބެންހުންނަ ހުރިހާ ބާވަތެއްގެ ކާނާ އެތަންތަނުން ލިބެންހުރެއެވެ.